ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަދި އޭޝިޔާގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ)އަކީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ހުރި މީހެއް ކަމަށް އެމްޑީޕީ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ބުނުމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވެ "ހޫނު ފެނަށް" ވެއްޓިއްޖެ އެވެ.

އެމްޑީޕީ ވުޖޫދުވީ ހިސާބުން ފެށިގެން މިއަދާ ހަމައަށް އެމްޑީޕީގެ ނުފޫޒު ގަދަ މަގާމުތަކުގައި މަސައްކަތް ކުރި އަދި މިހާރު ވެސް އިސްތިޢުފާ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ، އެ ޕާޓީގެ މީސްމީޑިޔާ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު، އޭނާގެ އަމިއްލަ ޓްވިޓާރ އެކައުންޓްގައި ރައްޓެއްސަކާ ހަވާލާދީ ބުނެފައި ވަނީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރުވެފައިވާ ބަޔަކު މިހާރު ފުޓުބޯޅަ ކުޅޭތަން ފެންނަމުންދާ ކަމަށެވެ.

"ޓީމް ބަލި ވެއްޖެއްޔާ ދަނޑު ވެސް ގޮއްވާލަފާނެ. ކާކު ސިޑިބަރީގައި އިންނަން ދާނީ." ސޫޒަންގެ ޓްވީޓުގައިވެއެވެ.

ބެލެވޭ ގޮތުގައި މިފަދަ ތުހުމަތެއްކޮށްފައި ވަނީ އަޝްފާގްގެ ތުނބުޅި ދިގުކޮށްފައި ހުންނާތީ އޭނާއަކީ ހައްދުފަހަނައަޅާފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަށެވެ.

ސޫޒަން ޓްވީޓް ކުރި ފޮޓޯގައި ދަގަނޑޭގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ ވެސް ހިމަނާފައި ވެއެވެ.

ސޫޒަންގެ އެ ވާހަކަތަކާ ގުޅިގެން، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އޭނާގެ ފޭސްބުކްގައި އެކަމަށް ވަރަަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. އަދި އެފަދަ ވާހަކަތައް ހުއްޓުވާނެ މީހަކު ނެތީތޯވެސް އޭނާ ސުވާލު އުފެއްދިއެވެ.

"މިއީ މުސްލިމް މުޖުތަމައު އެއް؟ އެންމެ ރަނގަޅު މީހާ އަށް ނުވެވުނަސް މިއީ ދެން ބޮޑުވަރު،" އައްސަދު ލިޔެފައި ވެއެވެ.

ސޫޒަންއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އޭނާ ވަނީ ޓްވިޓާރ އެކައުންޓް ޕްރައިވެޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު