އާދަމް ޝަރީފު
އާދަމް ޝަރީފު
ކޯވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައި ވުމާއެކު ގިނަ ބަޔަކު ހާލުގައި ޖެހެމުންދާތީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަނުން ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފް ވިދާޅުވީ، މާލެ ލޮކްޑައުން ކުރިއިރު ރާއްޖޭގެ އެކި ރަށްރަށުން އެކި ބޭނުންތަކަށް މާލެ އައިސް ތިބި މީހުން ނުފުރި ތާށިވެފައި އެބަ ތިބި ކަމަށެވެ. އަދި މާލޭގައި ގެދޮރު ނެތް މީހުން މަގުމަތިވެ ހާލުގައި ޖެެހިފައިވާ ކަމަށެވެ.

"އެމީހުން މާލެ އައިސްތިބީ އެއްދުވަހު އައިސްފަ އަނެއް ދުވަހުދާން. ނޫނީ ކުއްލިޔަކަށް ކަމެއް ޖެހުނީމަ މާލެ އައިސްފަ ދާން އައި ވަރަށް ގިނަ މީހުންތަކެއް މާލޭގައި އެބަތިބި. އެމީހުން މާލޭގައި ތިބީ ކޮޓަރި ކުއްޔަށް ހިފައިގެން ނުވަތަ ރައްޓެއްސަކާ އެކު ކޮޓަރި ޙިއްސާކޮށްގެން. މިފަދަ ދަތިގޮތަކަށްތިބި ވަރަށްގިނަ މީހުން، ރަށްރަށުގެ ދަތުރުވެރިންގެ ގޮތުގައި އައި މީހުން މާލޭގައި އެބަތިބި. ކަންދިމާވި ގޮތުން ކުއްލިޔަކަށް ލޮކްޑައުން ކުރީމަ ފުރައިގެން ދެވޭނެ ގޮތެއްވެސް ނެތް." އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ގޮތުން މާލޭގައި ނުފުރި ތިބި ރަށްރަށުގެ މީހުން ފުރަން ހަމަޖެހިފައިވާ އުސޫލު ސާފުވެފައި ނުވާ ކަމަށާއި ކުލި ނުދެއްކޭ ހާލަތުގައި ތިބި މީހުންނަށް ކުލި ދެއްކުމުގައި ސަރުކާރުން ދޭނެ ލުއިތަކެއް ވެސް ސާފުވެފައި ނުވާ ކަަމަށް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން އާދަމް ޝަރީފް ވިދާޅުވީ "ޙާލުގައި ޖެހިފައިވާ މީހުންނަށް ގޮތްތަކެއް ހޯދައި ނުދެވިއްޖެ ނަމަ އެއިން ނުކުންނަ އިޖްތިމާޢީ މައްސަލަތައް ވަރަށް ގޯސްވާނެ. މި ޙާލަތަކީ ވަރަށް ދަތި ޙާލަތެއް. މާލެއިން ރަށްރަށަށް މީހުން ދާކަމަށްވާނަމަ އެ ރަށްރަށުގައިވެސް ނުތަނަވަސްކަމެއް އުފެދިފައި އޮންނާނެ."

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުށަހެޅި މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފާސްކުރީ މަޖިލީހުގެ 66 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ލޮކްޑައުންގެ ސަބަބުން ޢާމްދަނީއަށް ހުރަސްއެޅިފައި ވުމުގެ ސަބަބުން ބައެއް މީހުންނަށް ކުލި ނުދެއްކިގެން ގެއިން ނެރުމުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންންެވެ. މިދަނޑިވަޅުގައި މާލޭގެ މަގުމަތީގައި ހާލުގައި ޖެހިފައިވާ 80 އަށް ވުރެ ގިނަ ފަރާތަށް ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ވެސް ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު