الله އަށްޓަކައޭ ކިޔައިގެން ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ ދީނީ އަޚްލާޤެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ، މުސްލިމުން މީހުންނާއި ގުޅުން ބަދަހި ކުރަނީ ﷲ އަށް ޓަކައި ކަމަށާއި، ރުޅި އަރަނީވެސް ﷲ އަށް ޓަކައި ކަމަށް ޑރ. އިޔާޒް ވިދާޅުވުމާ ގުޅިގެންނެވެ. ޑރ. އިޔާޒް މި މޭރުމުން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ޓްވިޓަރ ހޭންޑަލް އެއް ކަމަށް ބެލެވޭ އެލެކްސް އަޙްމަދު ހޭންޑަލްއިން ކޮށްފައިވާ ޓްވީޓަކަށް ދިން ރައްދެއްގައެވެ. އަދި މުސްލިމުންގެ އެފަދަ ކަންތައްތައް އެލެކްސް އަށް ނޭންގި އޮތުމުން އެކަން ސާފުކޮށް ދިނީ ކަމަށްވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

ޑރ. އިޔާޒަށް ރައްދުދެއްވަމުން މާލޭ ސިޓީ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަ ކުރަށްވާ އަލްހާން ފަހުމީ ވިދާޅުވީ، الله އަށްޓަކައޭ ކިޔައިގެން މީހުންނާމެދު ސާބިތު ނުހިފޭ ވާހަކަ ދައްކާ ބަދުނާމުކޮށް ހެދުމަކީ އިސްލާމް ދީން ދަންނަ އަޚްލާޤެއް ނޫން ކަމަށެވެ.



މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ތެޔޮ ބިޑި ނުލިބިގެން ވާ މަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކީ ބަޣާވާތެއް ނޫންކަމަށް ޑރ. އިޔާޒު ވިދާޅުވުމާ ގުޅިގެން އެކަމަށްވެސް އަލްހާން ވަނީ ރައްދު ދީފައެވެ. އަލްހާން ވިދާޅުވީ އެއީ ދީނީ ޢިލްމުވެރިންގެ ބަސްމަގު ހުންނަންވާނެ ގޮތް ނޫންކަމަށް ވިދާޅުވެފައެވެ.

"މިއީތޯ ދީނީ ނަސޭހަތްދެއްވާ ދީނަށް ގޮވާލާ އުނގަންނައިދޭ ޢިލްމުވެރިންގެ ބަސްމަގާ އަދަބު ސަދަބު ހުންނަންވާ ގޮތަކީ ޑރ. އިޔާޒް." އަލްހާން ވިދާޅުވެފައިވެއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރީ ސިފައިންނާއި ފުލުހުން ބަޣާވާތް ކޮށްގެންކަމަށް އެމްޑީޕީގެ މެންބަރުން ބުނަމުންގެންދާ މައްސަލައަށް އިޝާރާތް ކުރަށްވައި ޑރ. އިޔާޒް ވިދާޅުވީ އެމަޖުބޫރު ވުމަކީ "ތެޔޮ ބިޑި" ނުލިބިގެންވީ މަޖުބޫރެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު