އެމްޑީޕީގެ ރައީސް އަދި ދިވެހި ޖުމްހޫރިއްޔާގެ 4 ވަނަ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމަށް ވިދާޅުވުމުން ރައީސް ނަޝީދުގެ ދިފާޢުގައި އެމްޑީޕީގެ ލީޑަރޝިޕް ނުކުމެ ތަފްސީރު ޢިލްމުވެރިޔާ ޑރ. އިޔާޒަށް ވަރުގަދަ ރައްދުތަކެއްދީ މީސް މީޑިއާގައި ޑރ. އިޔާޒް ހޫނު ފެނަށް ވައްޓާލައިފިއެވެ.

ޑރ. އިޔާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ އިސްލާމް ދީނުގެ ޢަދުއްވެއް ކަމަށް ވިދާޅުވެ ޓްވީޓެއް ކުރަށްވާފައެވެ. އަދި ރައީސް ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުއްވުމަކީ، އެމަނިކުފާނުގެ މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި ރައްޔިތުން ރައީސް ނަޝީދުގެ ނުރައްކަލާމެދު ސަމާލުވާން ޖެހޭ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

އެކަމާގުޅިގެން ރައީސް ނަޝީދުގެ ވެރިކަމުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޑރ. އަޙްމަދު ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އިޖްތިމާޢީ ފޭރާން ފުނޑުފުނޑުވުމުގެ އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ، ތަޢުލީމީ ނިޒާމާއި ސިޔާސީ ޙަރަކާތްތެރިން ކަމަށެވެ. އަދި ޑރ. އިޔާޒްގެ ފަގުޑި ރަމްޒުކޮށްދެނީ އެ ދެދާއިރާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.



އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޑރ. އިޔާޒްގެ ބަސްތަކުން އިސްލާމް ދީނަކީ ޖަދަލްވެރި އުސޫލްތަކެއްގެ ދީނެއް ކަމަށް ފެންނަކަމީ ހިތާމައެއް ކަމަށެވެ. އަދި ރައީސް ނަޝީދަކީ އިސްލާމްދީނުގެ އުސޫލްތަކުގައި ސާބިތުވެ ހުންނެވި ބޭފުޅެއްކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"މީސް މީހުންގެ ޢަޤީދާ މިނެކިރައި ދީނުގެ ޢަދުއްވުން ކަނޑައެޅުމަކީ ޑރ. ޢިޔާޒް އަށް އޮތް ކަމެއް ނޫން." ޙަސަން ލަތީފް ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީ އަދި ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދަކީ އިސްލާމްދީނަށް އިޙްތިރާމްކުރަށްވައި ދީނުގެ ކަންކަމަށް ލޯބިކުރާ ނަމާދުކޮށް ރޯދަހިފާ ނިކަމެތިންނަށް އެހީތެރިވަމުންދާ ބޭފުޅެއް ކަމަށެވެ.



މިކަމާ ގުޅިގެން އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް ވިދާޅުވީ، ޑރ. ޢިޔާޒް ވިދާޅުވި ބަސްފުޅަށްވުރެ ވަކިން ދެރަކަމެއް ނޯންނާނެ ކަމަށާއި، ރައީސް ނަޝީދު ވިޔަސް އަދި ކޮންމެ އިސްލާމެއްގެ އިސްލާމް ކަމަކީވެސް އެމީހަކާއި މާތްﷲ އާ ދެމެދު އޮންނަ ކަމެއް ކަމަށެވެ.

"އެއީ އެއްގޮތަކަށްވެސް ޑރ. އިޔާޒް ގޮތް ނިންމަން އޮންނަ ކަމެއް ނޫން. ތިހެން ހެއްދެވީމާ އިތުރުވާނީ ފިތުނައާއި ބައިބައިވުން." ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޒް ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދު ކްރިސްމަހުގެ ތަހުނިޔާ އެދުވަސް ފާހަގަކުރާ ފަރާތްތަކަށް ފޮނުއްވުމުން އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމަށް ޑރ. ޢިޔާޒް ވިދާޅުވެފައިވާއިރު އިސްލާމީ ގިނަ ޤައުމުތަކެއްގެ ވެރިންވެސް ވަނީ އެދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެގޮތުން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުވެސް ވަނީ ދުވަހުގެ ތަހުނިޔާ ނަޞާރާދީނުގެ އަހުލުވެރިންނަށް ފޮނުއްވާފައެވެ. މީގެއިތުރުން ވެސް ބޮޑެތި އިސްލާމީ ގައުމުތަކުގެ ވެރިން ވެސް ވަނީ ކްރިސްމަސް ފާހަގަކުރާ ފަރާތްތަކަށް ތަހުނިޔާ ފޮނުއްވާފައި ވެއެވެ.



ޑރ. އިޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވެސް ވަނީ، ޑރ. އިޔާޒަކީ އެއްދީނެއްގެ މީހުންގެ ތެރޭގައިވެސް އުޅެން އެގިވަޑައި ނުގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމްދީން ނޫން އެހެން ދީންތައް އޮންނަ މުޖްތަމަޢެއްގައި އުޅެން ޖެހިއްޖެ ނަމަ ޑރ. އިޔާޒްގެ ޙާލަކީ ކޮބައިތޯ އިންތި ވަނީ ސުވާލް އުފައްދާފައެވެ.

ޑރ. އިޔާޒްގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަނީ މީސްމީޑިއާގައި ޑރ. އިޔާޒަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު