މިއަދުގެ މަޖުބޫރީ އަކީ އިއްޔެ ވެރިއަކަށް ހުރި މީހާގެ ޢަމަލުތަކުގެ ނަތީޖާ ކަމަށް އަދާލަތު ޕާޓީގައި އިސްދައުރެއް އަދާކުރެއްވި ޑރ. މައުރޫފް ޙުސެއިން ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް އަދާލަތު ޕާޓީގެ ޝައިޚުން ތާޢީދު ކުރަނީ ލަދުޙަޔާތެއް ނެތުމުންކަމަށާއި، އަދި ދީނީ މީހުންގެ މެދުގައި މިވަގުތު އޮތީ ސިޔާސީ ކަމެއް ނޫންކަމަށް ބުނެ އަދާލަތު ފާޓީއަށް ރާއްޖޭގެ ދީނީ ޝައިޚުން ކިޔަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ޑރ މަޢުރޫފް ވިދާޅުވީ، ބައެއް ޝައިޚުންނަށް މިއަދުގެ ޙާލަތުގެ އަސްލު ހަނދާން ނެތިފައިވާ ކަމަށެވެ.

"ވަކި ބަޔަކަށް ވެރިކަން ލިބިގެން އެކަމާ ކަންބޮޑުވެގެން އުޅުއްވާ ޝައިޚުން ހަނދާން ނެތިފައިވާ ކަމަކީ ރާއްޖޭގެ ބައެއް ދީނީ ސިޔާސީ ލީޑަރުންނާއި އަޣުލަބިއްޔަތު މިއަދު ވެރިކަމުގައި ތިބި މީހުންނާއި ދިމާލަށް ކޮއްޕައި، ދާން މަޖުބޫރު ކުރީ އިއްޔެ ވެރިކަމުގައި ހުރި ބޭފުޅާގެ ޢަމަލުތައް ކަމެވެ." ޑރ. މަޢުރޫފް ވިދާޅުވިއެވެ.



ޑރ. މަޢުރޫފް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން، ރަނގަޅު، އަމާނާތްތެރި އަދި ސަހަލު ގޮތުގައި ވެރިކަން ކުރިނަމަ މިއަދުވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ޔާމީން ކަމަށެވެ.

"މި ކަންތަކުގައި އެބޭފުޅާއާއި އެއިރު ހިންގި ޖަރީމާތަކުގައި ޢަމަލީ ގޮތުންނާއި މާނަވީ ގޮތުން ވާގިދިން ފަރާތްތަކުން ނަގަންޖެހޭ ޒިންމާ ވަކި ކުޑައެއް ނުވާނެއެވެ." ޑރ. މަޢުރޫފް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ދީނީ އިލްމުވެރިންގެ ބަސް އަޑުއައްސަވާ ބޭފުޅެއްކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދީ ޞަލަފު ޖަމިއްޔާއަށް ނިސްބަތްވާ ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ވިދާޅުވެފައިވަނީ، "ލަދުހަޔާތް ކުޑައިއްޔާ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ" ކަމަށެވެ. އެކަމާ ގުޅިގެން ދީނީ ޢިލްމު އުނގެނިގެން ތިއްބެވި ފަރާތްތަކުގެ މެދުގައި ވަނީ ބަހުގެ ހަނގުރާމައެއް ފެށިފައެވެ.

ދީނީ ޢިލްމުވެރިންގެ ނަމުގައި އެބޭފުޅުން ސިޔާސީ ގޮތުން ވަކި ފިކުރެއް ނަންގަވައިގެން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ޓްވިޓަރ ގައި ރައްދު ދެއްވަމުން ގެންދަވާތީ އާންމުން ދަނީ އެބޭފުޅުންނަށް ފާޑުވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު