އާބާދީ ކިތައްމެ ކުޑަޔަސް އަމިއްލަ އުފެއްދުން ތެރިކަން ސުމަކުން ފެށިޔަސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ޖަޒީރާ ރާއްޖެއަކީ އަމިއްލަ އަކުރަކުން ގަތާލެވިފައިވާ އަމިއްލަ ބަހެއް ލިބުމުގެ ފަހުރު ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިންވެސް އެއްމެ ކުޑަ ޤައުމެވެ.

މިކަން މިހެން އޮތް ނަމަވެސް ޒަމާނުއްސުރެން ވެސް ދިވެހިންނަކީ މިނިވަން ކަމާއި މުސްތަގިއްލު ކަމަށް ނުހަނު ލޯބިކުރާ އަމިއްލަ ސަގާފަތަކަށް އަހުލުވެރި އެއްދީނެއްގަ ސާބީތުވެ ތިބި އަމިއްލަ ވަންތަ ބައެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޒަމާނުއްސުރެން ވެސް ދިވެހި ރައްޔަތުންގެ ރޫހާ އެއްގޮތަށް މިނިވަން ކަމާއި މުސްތަގިއްލުކަން ހަނި ނުކޮށް ދެމެހެއްޓުމަކީ އެވަގުތަކު ގައުމުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބައެއްގެ ޒިއްމާއެއް ވެސްމެއެވެ.

ފާއިތުވެދިޔަ ދިގު މާޒީއަށް ބަލައިލާއިރު އެކި ޒަމާން ތަކުގަވެސް މި ގައުމުގެ ވެރިކަން ކުރެއްވި ވެރިން ވަނީ މިގައުމުގެ މިދެންނެވި މިނިވަންކަމާއި އިސްތިގްލާލް ދަމަހައްޓާފައި ކަން ކަށަވަރެވެ. އޭރު އެވެރިންވަނީ ދުނިޔޭގެ ގިނަ ކަންކަމުގައި ދިވެހިންގެ ބަސްބުނެފައެވެ. މިދެންނެވި ބީދައިން ރޯމަނުންގެ އެމްޕަރަރގެ ޒަމާނުގަވެސް އޭރުގެ މި ޖަޒީރާ ގައުމުގެ ވެރިން ވަނީ ސަރުކާރުގެ މަންދޫބުން ފޮނުވައި ދިވެހިންގެ އަޑު އިއްވައިފައެވެ. އެއީ ނިކަން ކުރީގެ މާޒީއެއް ކަމުގައި ވިޔަސް އޭގެ ފަހުގެ ތާރީޙް ތަކުގައިވެސް ދުނިޔޭގެ އިސްތިއުމާރީ ބާރުތަކަށް ވަކި ހިއްޕިޔަނުދީ އޭރުގެވެރިން ވަނީ އަޅުގަނޑުމެންގެ މިނިވަން ކަމާއި އިސްތިގްލާލް ދަމަހައްޓަދީފައެވެ.

ރައީސްމައުމޫނުގެ ވެރިކަމުގައި ވެސް ވަރަށް ގިނަ ކަންކަމުގައި ދިވެހިންގެ އަމިއްލަ ވަންތަކަން ދަމަހައްޓަވަން މަސައްކަތްޕުޅު ކުރެއްވިކަން ތާރީހުން އެނގެން އެބައޮތެވެ. އަނިޔާވެރިކަން އިސްކޮށް ފިސާރި ހުދުމުހުތާރު ސިފަތަކާއެކު ބޮޑުކާފާއި ކުޑަކާފު ޖައްސަވައިގެން ދިވެހި ވެރިކަމަކީ ތިމަން މަނިކުފާނުގެ ތަރިކައެއްކަމަށް ރައްޔަތުންނަށް ވިސްނައި ދެއްވަމުން ވެރިކަމުގައި ދެމިހުންނެވިޔަސް މި ގައުމުގެ ޤައުމީ ވަންތަކަމާއި މިނިވަންކަން ހަނިވިޔަ ނުދެއްވާކަން އުފަލާއެކު ފާހަގަ ކޮށްލަން ޖެހެއެވެ.

އެމަނިކުފާނުގެ ވެރިކަމަށް ކުޑަވެސް ފާޑެއްކިޔަފިނަމަ އެމީހަކު ހައްޔަރުކޮށް ޖަލަށް ލައި ތުނބުޅި ދިގުމީހަކު ހުރިއްޔާ ޗިލީސޯސް ލައިގެން ތުނބުޅި ބޭލުވިިސް ރައީސް މައުމޫނުގެ ވެރިކަމުގައި ދުނިޔޭގެ ކުރިމަތީގައި މިގައުމުގެ އިސްތިގުލާލް ދަމަހައްޓައި ނަގަހައްޓަވަން އިސްކަންދެއްވިކަން ފާހަގަ ކޮށްލާން ޖެހެއެވެ.

ކުލައިމެޓްޗޭންޖު ގެ މައްސަލައިގައި ވެސް ރާއްޖޭގެ ސަލާމަތަށް ވިސްނަވައިގެން ދިވެހި ގައުމުގެ އަޑުު އުފުލާފައި ވަނީ ސަރަހައްދީ ބިޔަ ބާރު، އިންޑިއާ ގެ ވިސްނުމާއި ދިމާ އިދިކޮޅަަށެވެ އޭރު އިންޑިއާ ބާރުއަޅަމުން ދިޔައީ ޖައްވު އިތުރަށް ހޫނުވާނޭ ގޮތްތަކެއް ހޯދުމަށް ކަމަށް ވިޔަސް ދިވެހި ސަރުކާރުން އަޑު އުފުލީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވައިގެނެވެ.

1992 ވަނައަހަރު އިންޑިއާގައި ހުންނަ މުސްލިމުންގެ ބާބުރީ މިސްކިތް ތަޅައިލި މައްސަލައިގަ ވެސް އޭރުގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭރުވެސް އިންޑިއާ އަކީ ރާއްޖެއާއި އެންމެ ރަހުމަތްތެރި ގައުމެވެ. އެހެންނަމަވެސް ރައީސް މައުމޫން ވެސް އެމީހުން ޖަހާހައި ސަކަރާތެއް ބައްލަވާކަށް ހިމޭނުން ނުހުންނަވައެވެ.

ހާއްސަކޮށް އޭރުގެ ހާރިޖީ ވަޒީރަކީ ވަރަށް ހިކުމަތްތެރި ކަމާއެކުމަގާމުގެ ވާޖިބުތައް އަދާކުރެއްވި ބޭފުަޅެކެވެ. އެމަނިކުފާނު ކުރެއްވީ ހުސް ދަތުރުފުޅު ތަކެއްނޫނެވެ. އެމަނިކުފާނުގެ ދަރިކަލަކަށް ރައީސުލްޖުމްހޫރިއްޔާ އަށް ވުރެން ބޮޑު މުސާރައެއް ލިބޭގޮތަކަށް ބޭރުގެ އެމްބަސީ އެއްގެ މަގާމެއްވެސް ނުދެއްވައެވެ.

ދުނިޔޭގެ ކޮންމެ ގައުމަކުން ވިޔަސް ދިވެހިން ގަބޫލު ކުރާ ހަމަތަކާއި އުސޫލުތަކާ ފުށުއަރާ އެއްމެހާ ކަން ކަމުގަ ދިވެހި ސަރުކާރުން އައީ ރައްޔަތުންގެ އަޑު އިއްވަމުންނެވެ. ގަލްފު ހަނގުރާމަ ފެށުމާ އެކުވެސް އެއްމެ ފުރަތަމަ އެކަން ކުށްވެރި ކުރެއްވީވެސް ދިވެހިސަރުކާރުންނެވެ.

1999 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނުން ނިއުކިލިއަރ ޓެސްޓް ކުރީމާވެސް އެކަން ކުއްވެރިކުރާކަށް އޭރުގެ ސަރުކާރު ފަހެއްނުޖެހުނެވެ. މިފަދަ ވަރަށް ގިނަ ކަންކަމުގަ ވެސް ދިވެހިންގެ އަމިއްލަ މިނިވަންކަމާއި އެއްބައި ވަންތަކަން ދެމެހެއްޓެވުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވެއެވެ.

ދުނިޔޭގެ ޣައިރު މުސްލިމް ގައުމުތަކާއި ޖަމާއަތް ތަކުން ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމުގައުމެއްގެ ގޮތުގައި އޮންނަ އޮތުމަށް ނިމުންް ގެންނާން އެކިގޮތް ގޮތުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެ މިހާތަނަށް އޮތީވެސް ދިވެހި ސަރުކާރާއި ރައްޔަތުންގެ ހުރި ހިފެހެއްޓުމެއްގެ ސަބަބުން ކަން ގައިމެވެ. ދިވެހި ގައުމުގެ ހާރިޖީ ސިޔާސަތަކަށް ވާންވާނީ އަޅުވެތިނުވެ ބަސްބުނެވޭފަދަ މިނިވަން ހާރިޖީސިޔާސަތަކަށެވެ.

މިހާރު އުފެދޭ ސުވާލަކީ މިއަދު އަޅުގަނޑުމެންގެ ވެރިންގެ މިނިވަން ދޫ ކޮބައިތޯއެވެ. ޗައިނާ ގައި އެތައް މިލިޔަން މުސްލިމުންގެ ކަރަށް ރާއަޅައި އަނިޔާކުރަމުން ދާއިރު އެމަންޒަރު ކަނު ލޮލަކުން ބަލަމުން ތިޔަ ދަނީ ސިނަމާލޭ ބުރިޖާއި އެފަދަ ޕުރޮޖެކްޓު ތަކުގައި ވެރިން ފިތި ތާށިވެފައި ތިއްބެވީމާތޯއެވެ. އިންޑިއާ ގެ ކަޝްމީރާއި ދިއްލީގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އެގެންދާ ލާއިންސާނީ އަނިޔާތައް އަޅުގަނޑުމެނަށް، އަޅުގަނޑުމެންގެ ވެރީންނަށް ފެނިވަޑައި ނުގަންނަވަނީތޯއެވެ؟

އެ ރަހުމުކުޑަ އިންސާނިއްޔަތާ ދެކޮޅު އަނިޔާ އާއިމެދު މިގައުމުގެ ވެރިން ކުޑަ ކޮށްވެސް ކަންބޮޑުވެ ވަޑައި ނުގަންނަވަނީތޯއެވެ؟ ނޫނީ ކަންބޮޑުވެ ވަޑައިންނެވިޔަސް އެއްޗެކޭ ނުބުނެވޭނެ ހާލަތަށް ފިތިއަޅުވެތިވެފައި ތިއްބެވީތޯއެވެ؟ މިއަދު މިފެންނަނީ ޗައިނާއާއި އިންޑިޔާގެ ކުރިމަތީގައި ދިވެހި ޤައުމު ކުޑަކަކޫ ޖަހައިގެން އުޅޭ މަންޒަރު ނޫންތޯއެވެ؟ މަގޭ ބޮޑުބޭބެއޭ ކިޔައިގެން ބޮޑުބޭބެ ޖަހާހާ ބެރަކަށް ބޮޑުން ނަށްޓަވާފައި ރައްޔިތުން ލައްވާވެސް ނަށުވާ މަންޒަރު ނޫންތޯއެވެ؟

ބަޔަކު ދެން ބައެއްގެ ދަށުވާނީ މިހާކަށްހާ ވަރަށެވެ. ވަކިބަޔަކަށް އަޅުދާސްވެ ހައްޕުކިޔައިގެން ދެލޯ ކަނުކޮށްގެން ތިބޭނީ ދެން މިހާކަށް ވަރަށެވެ. މިކަންކަމާ ވިސްނާ ފިކުރު ހިންގާލުމުން ދިވެއްސަކަށްވީތީ ވެސް މިހާރު ލަދުވެތިވެއެވެ. ޒަމާނީ ޑިމޮކްރެސީއޭ ކިޔައިގެން އަޑުއުފުލައި މަގުމައްޗަށް ނުކުމެވުނީތީ ހަގީގަތުގައިވެސް މިހާރު ދެރަވެއެވެ.



ކިޔުންތެރިންގެ ހިޔާލު