ރާއްޖޭގައި މިހާރު ފުޅާވެފައިވާ ގެސްޓް ހައުސް ވިޔަފާރި މާލެއިން ބޭރުގައި ފެށިގެންދިޔައީ 2007 ވަނަ އަހަރު ޑރ. މަހުމޫދު ޝައުޤީ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން ިކުރެއްވި މަސައްކަތުން ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް، އިބްރާ ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވީ، "ގެސްޓް ހައުސް ދޮންބެ" އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ވިދާޅުވެ، ފަތުރުވެރިކަމާބެހޭ މިހާރުގެ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ޑރ.މަޢުޞޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެސްޓު ހައުސްތަކުގެ ރަސްގެފާނު ނުވަތަ ދޮންބެ ނުވަތަ ބާނީ ނޫންނަމަ ޒަޢީމް، މިއިން އެއްވެސް ލަޤަބެއް އަރުވާނަމަ އެ ލަޤަބު ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް ގެސްޓުހައުސް ވިޔަފާރީގެ ސްޓްރެޓެޖީ ޙަޤީޤަތަކަށް ހެއްދެވީ ޢަބްދުﷲ ރަޝީދު ނަމަކަށް ކިޔާ ބޭފުޅަކު ކަމަށްވެސް ޑރ.މަޢުޞޫމް ވިދާޅުވިއެވެ.



ޑރ.މައުސޫމްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ އިބްރާ ވިދާޅުވީ މާލެއިން ބޭރުގައި ގެސްޓް ހައުސެއް ފުރަތަމަ ހުޅުވުނީ ހުޅުމާލޭގައި ރައީސް މައުމޫންގެ ވެރިކަމުގައިކަމަށެވެ. އަދި އެންމެ ފުރަތަމަ އެ ގެސްޓް ހައުސް ހުޅުވުމަށް ސަރުކާރުން ހުއްދަ ނުދެއްވިކަމަށްވެސް އިބްރާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން އޭރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ. މަހުމޫދު ޝައުޤީ އަރިހަށް ވަޑައިގެން، އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ޝަޢުޤީ އަރިހުގައި ދެންނެވި ވާހަކަތައް އެމަނިކުފާނު ވަރަށް ރަނގަޅަށް އަޑު އެއްސެވިކަމަށާއި، އަދި އެއަށްފަހު ހުޅުމާލޭގައި ގެސްޓް ހައުސް ހުޅުވުމަށް ސަރުކާރުން ހުއްދަ ދެއްވިކަމަށެވެ.



ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ފެށުމުގައި ޑރ. ޝަޢުޤީގެ ދައުރު ބޮޑުކަމަށް އިބްރާ ވިދާޅުވިއިރު، ޝަޢުޤީ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުންވެސް އެކަން ފާހަގަކުރެއެވެ.

ޝަޢުޤީ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ، މާލެއިން ބޭރުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފެށުމަށް ޝަޢުޤީ މިނިސްޓަރަކަށް ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އަދި 2007 ވަނަ އަހަރު އެކަމާއި ގުޅޭ ދިރާސާއެއް ކުރިއަށްގެންގޮސް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ހުއްދަ ދިނުމާ ހިސާބަށްވެސް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ފަށާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ނުވި ނަމަވެސް ގެސްޓް ހައުސް ވިޔަފާރީގެ ވާހަކަ އެންމެ ގިނައިން ދައްކަވާ ރިޔާސީ ކެންޕޭންގައިވެސް އެސިނާޢަތާއި ގުޅުވައިގެން ގިނަ ވަޢުދު ތަކެއް ވެވަޑައިގެންފައިވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު