ޑިރެކްޓާ ޖެނަރަލް އޮފްޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވި ކަމަށް ލިބިވަޑައިގެންނެވި ކަމަށް ޓްވީޓް ކުރެއްވުނީ ލިބިވަޑައިގެންނެވި ނުރަނގަޅު މައުލޫމާތެއްގެ ސަބަބުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެކަމަށްޓަކާ މައާފަށް އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިއަދު ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާގެ މަންމަ ނިޔާވި ކަމަށް ވިދާޅުވެ ތައުޒިޔާގެ ޓްވީޓެއް ކުރައްވާފައެވެ. އެހެން ނަމަވެސް އެއީ އޮޅުމަކަށް ވުމުން އެ ޓްވީޓް އެމަނިކުފާނު ފަހުން ވަނީ ޑިލީޓްކުރައްވާފައެވެ.

އެކަމަށް މަޢާފަށް އެދިވަޑައިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނަށް ނުރަނގަޅު މައުލޫމާތެއް ލިބިވަޑައިގެންނެވީ ކަމަށާއި، އަދި އެކަމަށް ނިހާޔަތަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދު ފަހުން ކުރެއްވި ޓްވީޓްގައި މައިމޫނާގެ މަންމައަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ވެއެވެ.



މީގެ އިތުރުން ރައީސް ނަޝީދު ވަނީ މައުމޫނާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވައި އޭނާއަށް ތަޢުރީފުވެސް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މައިމޫނާ ކުރައްވާ ބުރަ މަސައްކަތް އެމަނިކުފާނުގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށާއި، އަދި މަންމަ ބަލިވުމުން ވާނެގޮތްވެސް އިހުސާސް ކުރެއްވޭ ކަމަށެވެ. 

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިލް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވެއްޖެ ކަމަށް ބުނެ ފަތުރަމުންދާ ހަބަރު ހެލްތު މިނިސްޓްރީވެސް ވަނީ ދޮގުކޮށްފައެވެ.

 



ކިޔުންތެރިންގެ ހިޔާލު