ރައީސުލްޖުމްހޫރިއްޔާ އިިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުންނާ ބައްދަލު ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުންނާ ބައްދަލު ކުރައްވަނީ
ދިވެހި ފުލުހުންނަށް ފާޑުކިޔާ މީހަކަށް ވުމަށްވުރެ ނަޒާހާތްތެރި މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ދެމިހުންނަވާނޭކަމުގެ ޔަގީންކަން ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް މިއަދު ދެއްވައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ފުލުހުން ކުރައްވަމުންދާ މަސައްކަތްތަކާގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ދިވެހި ފުލުހުންނަކީ ރައްޔިިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، ފަޚުރުވެރިވާ ނަޒާހާތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރުމުގައި ދެމި ހުންނަވާނެކަމަށެވެ.

ފުލުހުންގެ ތެރެއަށް ގެންނަންޖެހޭ ޒަމާނީ އިސްލާހީ ބަދަލުތައް ގެންނަވާނީ ފުލުހުންގެ ތެރޭގައި ތިއްބެވި ޢިލްމީ ތަޖުރިބާހުރި ބޭފުޅުންގެ ލަފަޔާއި މަޝްވަރާއާއެކުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފުލުހުންގެ މުއައްސާއަކީވެސް އިލްމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުންވެސް އަދިސް އިތުރު ފުރުސަތު ބޭނުންވާބައެއްކަމަށް ރައީސް ވިދާޅުވިއެވެ. ފުލުހުންނަށް އެފުރުސަތު ހޯދައިދިނުމުގައި ސަރުކާރުން ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެންނަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށާއި، މިމައްސަލަތައް ހައްލުކުރުމަށްޓަކައި އެކަންވެސް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

"މިކަން ކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ހުރިކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަދި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީނުވެސް އިތުރަށް ހޯދައިދޭން އެބަޖެހޭ. ހަމައެފަދައިން ފުލުހުންގެ ވެލްފެއާގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭން އެބަޖެހޭ. އަޅުގަނޑު ބޭނުންވަނީ ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށްނޫން. އަޅުގަނޑުގެ ބޭނުނަމަކީ ދިވެހި ފުލުހުންނަކީ ރައްޔިިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ އަދި ތިޔަ ފުލުހުންވެސް އެތަނަކާއިމެދު ފަހުރުވެރިވާ ނަޒާހާތްތެރި ޕްރޮފެޝަނަލް މުވައްސަސާއަކަށް ދިވެހި ފުލުހުންގެ ޙިދުމަތް ހެދުން." ރައީސް ވިދާޅުވިއެވެ.

މިއަދު މުޖުތަމައުގައި އިތުރުވެ ގިނަވެގެން މިދާ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން އެކަންކަމާއިމެދު މާބޮޑު ސަމާލުކަމެއްނުދީ އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަސްޖެހުމުގެ ސަބަބުން ތިލަވަމުން އަންނަ މައްސަލަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަން ބަލައި ފިޔަވަޅު އެޅުމުގައި މިހާރަަށްވުރެ ހާމަކަން ބޮޑު މަަސައްކަތް ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު