އޭސީޕީ ފައިރޫޝު ފުލުހުންގެ އޮފިސަރަކަށް އިރުޝާދު ދެއްވަނީ
އޭސީޕީ ފައިރޫޝު ފުލުހުންގެ އޮފިސަރަކަށް އިރުޝާދު ދެއްވަނީ
ފުލުހުންނަށް ފާޑުކިޔައި އެމްޑީޕީ މަޖިލިސް މެންބަރުން ދެއްކެވި ވާހަކަތަކަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ވަރަށް ބަލިކަށި ނުސީދާ ރައްދެެއް ދެއްވައިފިއެވެ.

ޑރ. ފައިރޫޝް މިހެން ވިދާޅުވެފައި މިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީ މަޖިލިސް މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ފުލުހުންނަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

އެގޮތުން އެމްޑީޕީގެ ބައެއް މެންބަރުންވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު ވަނީ މިއަދު ގޮވާލައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގައި ހަރުކަށި ފިކުރުގެ މީހުންނާއި އެމްއެމްޕީއާރުސީގެ ވައްކަމުގައި ބައިވެރިވި މީހުން ތިބި ކަމަށް މަޖިލިހުގެ ގިނަ ޢަދަދެއްގެ މެންބަރުން ތުހުމަތުކުރައްވާފައިވެއެވެ. 

އެކަމަށް ވަރަށް ނުސީދާގޮތެއްގައި ރައްދު ދެއްވަމުން އޭސީޕީ ޑރ.އަބުދު ﷲ ފައިރޫޝް ވިދާޅުވީ ޢާންމު މަޤާމުތަކުގައި ތިބޭ މީހުން، ފުލުހުންނަކީ ކުށްވެރި ބައެއްގެ ގޮތުގައި ނަންކޮށް އަބަދު އެއްޗެހި ގޮވުމަކީ އެކަމުގެ ސަބަބުން  ފުލުހުންނާމެދު އޮންނަ އިތުބާރު އެކަނި ނެތިގެންދާ  ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ދާއިމީކޮށް ފުލުހުންނަށް އެއްޗެހި ކިއުމަކީ ފުލުސް އޮފިސަރުންގެ ހިތްވަރު އެލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންނަށް މަގުދައްކައިދީ ޖަވާބުދާރީވުން ކަށަވަރުކޮށްދެއްވާ، އެއީ އެންމެ ރަނގަޅު ގޮތް." މިއަދު މަޖިލީހުގައި ހިނގާ ދިޔަ ކަންކަމަށް ރައްދުވާ ގޮތަށް ޑރ.ފައިރޫޝް ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ މެންބަރުން ފުލުހުން ސިފަކޮށްފައިވަނީ އަނިޔާވެރި "ކުއްތާ" ތަކެއް އިންސާނުންގެ ގަޔަށް އަރައިގަންނަ ގޮތަށް އަރައިގަންނަ ބައެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު