12 އަހަރަށްފަހު ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ސްޕެއިންގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފިއެވެ.

ދެމީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ދެމީހުންގެ ގުޅުން ނިމުމަކަށް ގެންނަން ނިންމާފައިވާކަން ހިތާމައާއެކު ޔަގީން ކޮށްދޭ ކަމަށެވެ. އެކަމަކު ދެމީހުންނަށް ލިބިފައިވާ ދަރިންނަށްޓަކައި އެކަމާއި ގުޅޭގޮތުން އާންމުން ބަހުސްކޮށް ވާހަކަ ނުދެއްކުމަށް އެދިފައިވެއެވެ.

ދެ މީހުންގެ ގުޅުން މިހާދުވަސްފަހުން ނިމުމަކަށް ގެންނަން ޖެހުނު ސަބަބެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. ބަޔާނުގައި ބުނެފައިވަނީ މިވަގުތު އެ ދެމީހުންނަށް ޕްރައިވަސީ ބޭނުންވާ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޕީކޭ އާއި ޝަކީރާ ވަކިވާން ނިންމާފައި ވަނީ ޕީކޭ އެހެން އަންހެނަކާއި ގުޅުން އޮންނަ މައްސަލަ ޝަކީރާއަށް ފަޅާ އެރިތާ ދެތިން ހަފްތާ ފަހުންނެވެ.

އުމުރުން 45 އަހަރުގެ ޝަކީރާއާއި 35 އަހަރުގެ ޕީކޭ ލޯބީގެ ގޮތުން ގުޅުނީ 2010 ވަނަ އަހަރުއެވެ. އެ ދެމީހުންނަށް 2 ދަރިން ލިބިފައިވެއެވެ.

ޝަކީރާ އާއި ޕީކޭ ވަކިވިކަން ރަސްމީކޮށް މިއަދު އިއުލާންކުރި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން އެ ދެ މީހުން ވަކިން އުޅޭތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު