މުއައްސަސާތަކުގެ ވެރިން މަގާމްތަކުން އިސްތިއުފާދިނުމަކީ އެމްޑީޕީގެ ވެރިކަމުގައި ތަކުރާރުވާ ކަމެއްކަމަށް މަހިބަދޫގެ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިޤް މިހެން ވިދާޅުވެފައި މިވަނީ އޭސީސީގެ ހުރިހާ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ޓޮމް ވިދާޅުވީ އެމްޑީޕީއާއި ވެރިކަން ހަވާލުވުމާއެކު ޔަޤީންކަމާއެކު ތަކުރާރުވާ ކަންކަން ހުންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދީނީ ސިޔާސަތު "މުޑިއަރުވާލައި،" ރާއްޖޭގެ ސިޔާދަތީ ބާރަށް އަސަރު ކުރާނެ އެއްބަސްވުންތައް ހެދުން އެއީވެސް އެފަދަ ކަމެއްގެ ގޮތުގައި ޠާރިޤް ސިފަކުރެއްވިއެވެ.

މީގެއިތުރުން މުއައްސަސާތައް ހިންގަން ތިބޭ ހުރިހާ ވެރިން އެއްފަހަރާ އިސްތިއުފާދީ ޤައުމު ހުއްޓުވާލުންވެސް އެއީ އެމްޑީޕީގެ ވެރިކަމުގައި ތަކުރާރުވާކަމެއްކަމަށް ޠާރިޤް ވިދާޅުވިއެވެ. އަދި ދެން ނުވެ އޮތީ ރައީސުލްޖުމްހުރިއްޔާ އިސްތިއުފާދެއްވުން ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.

"މުއައްސަސާތައް ހިންގަންތިބޭ ހުރިހާ ވެރިން އެއްފަހަރާ އިސްތިއުފާދީ ޤައުމު ހުއްޓުވާލާ. އެފަހަރު ކެބިނެޓްގެ ހުރިހާ ވަޒީރުން. މިފަހަރު އޭސީސީގެ ހުރިހާ މެންބަރުން. ދެން ނުވެ އޮތީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދިނުން. އިންޑިޔާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ދިވެހި ރައްޔިތުންނާއި، ފުލުހުން އަދި ސިފައިންނަށް ފެންނަ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭ ދުވަހަށް ވުމަކީ ގާތްކަމެއް." ތާރިގް ވިދާޅުވިއެވެ.



އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ. މިއީ އޭސީސީގެ މެމްބަރުންނަށް ނުފޫޒު ފޯރުވަން ކުރިކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު