އުމަރު ނަސީީރު
އުމަރު ނަސީީރު
ސޭފް ޓޫރިޒަމް ގައިޑްލައިނަކީ ޖޯކެއް ކަމަށާއި، މިހާރު ހާމަކޮށްފައިވާ ޑްރާފްޓްގައިވާ އުސޫލުތައް މާ ހަރުކަށިކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢާއްމު ފަތުރުވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވާގޮތަށް ސޭފް ޓޫރިޒަމްގެ ނަމުގައި އާންމު ކޮށްފައިވާ ޓޫރިޒަމް ގައިޑް ލައިންގައި ވާ އުސޫލްތައް މާ ހަރުކަށިކަމަށް ވިދާޅުވެ ޢުމަރު ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ. މިހާރު ޑްރާފްޓްކޮށް އާންމުކޮށްފައިވާ ސޭފް ޓޫރިޒަމް އުސޫލުގައި ވަނީ، ސޭފް ޓޫރިޒަމް ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއެއް ދެއްކުމުން ކަމަށެވެ.

ޢުމަރު ވިދާޅުވީ، މި ވަގުތަކީ މަޓީ އާ މަޝްވަރާކޮށް ރިސޯޓު ތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ފަތުރުވެރިންނަށް ދެވޭ އެންމެބޮޑު ލުޔެއް ދޭންވީ ވަގުތު ކަމަށެވެ.

"މިވަރުގެ ހަރުކަށި އުސޫލުތަކެއް ނެރުމަށްވުރެ ޓޫރިޒަމް ހުޅުވާނުލާ ބޭއްވުންވެސް ރަނގަޅުވާނެ." "ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޢުމަރު ވިދާޅުވެފައިވެއެވެ.

ޢުމަރު ވިދާޅުވީ މި ސަރަޙައްދުގެ އެހެން ޤައުމުތަކުން ލުއިތަކެއްދީ ފަތުރުވެރިކަން ހުޅުވާލުމުގެ ކުރިން، ރާއްޖެއިން ބޮޑެތި ލުއިތަކާއެކު ފަތުރުވެރިކަމަށް ހުޅުވާލަން ޖެހޭ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އަރައިގަނެވޭނީ އޭރުން ކަމަށް ޢުމަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ވުޒާރާއިން ޢާއްމުކޮށްފައިވާ ސޭފް ޓޫރިޒަމް ޑްރާފްޓް އުސޫލުގައި ވަނީ، ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން ކަމަށެވެ. އެގޮތުން އަންނަ ޖޫންގައި ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލާނެ ކަމަށް ވެސް އޭގައި ވެއެވެ. އަދި ޖޫންގައި ހުޅުވާލާނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުގައި އަންނަ ޓޫރިސްޓުންނަށް ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު ކަމަށް ބުނެފައި ވާއިރު ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ ކަމަށާއި ޓްރެވަލް އިންޝްއަރެންސް ނަގާފައި އޮންނަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު