2023 ފިޔަވައި އެހެން އެއްޗެއް ނުފެންނަ މީހަކަށް ކޯވިޑް-19 އެއްވެސް ރައްޔިތުންގެ އިހުސާސެއްވެސް ގައުމީ މަސްލަހަތެއްވެސް މުހިންމު ނުވާނެ ކަމުގައި ޝައިޚް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ދީނީ ޢިލްމްވެރިޔާ އަނިލްގެ މިވާހަކައިގައި މިއިޝާރާތް ކުރައްވަނީ ކަނަޑައެޅިގެން ކޮން ފަރާތެއްގެ ވާހަކަކަން ވިދާޅުވެދެއްވާފައި ނެތް ނަމަވެސް އޭނާގެ މި ބަސްކޮޅު މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންނަށާއި އިދިކޮޅު ފަރާތްތަކަށްވެސް ނިސްބަތް ވެއެވެ.

ޝައިޚް އަނިލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދޮގުހަދައިގެން ވިޔަސް 2023 އަތުޖެހުމަށްވުރެ "އޭނަޔަށް" މުހިންމު އެހެން ކަމެއް ނެތް ކަމަށެވެ.

"2023 ފިޔަވައި އެހެން އެއްޗެއް ނުފެންނަ މީހަކަށް ކޯވިޑް-19 އެއް، ރައްޔިތުންގެ އިހްސާސެއް، ގައުމީ މަސްލަހަތެއް މުހިންމެއް ނުވާނެ. ދޮގުހަދައިގެން ވިޔަސް 2023 އަތުޖެހުމަށްވުރެ އޭނާއަށް މުހިންމު އެހެން ކަމެއް ނޯންނާނެ." ޝައިޚް އަނިލް ވިދާޅުވެފައިވެއެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ރާއްޖޭގައި ދެން އޮންނަ ރިޔާސީ އިންތިޚާބެއް އޮންނާނީ އަނިލް އެއިޝާރާތް ކުރައްވާ 2023 ވަނަ އަހަރުގައެވެ. އަނިލްގެ މި ވާހަކަ އަމާޒު ކުރައްވާފައި އެވަނި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކޮންމެވެސް ފަރާތަކަށެވެ. މިހާތަކަށް ގިނަ ބައެއްގެ އަންދާޒާތައް ހުރި ގޮތަށް ބަލާއިރު އެމްޑީޕީން 2023 އަށް ނުކުންނަވާނީ ރައީސް ނަޝީދުކަން ވަރަށް ބޮޑަށް ޔަގީން ވެއެވެ. އެފަދަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ޞާލިޙް މިހާރުވެސް އެކުރައްވަނީ ރައީސް ނަޝީދުގެ ރިޔާސީ ޓިކެޓުގައި ކުރިމަތިލެއްވީމާ ލިބިވަޑައިގެންނެވި ވެރިކަމެކެވެ. މިހާނަތަށް ގިނަބައެއްގެ އަންދާޒާއިން ރައީސް ޞާލިޙް އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަން ކަށަވަރުވެއެވެ.

އިދިކޮޅުން ނުވަތަ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުންނަވާނެ ބޭފުޅެއްގެ އެއްވެސް ވަރެއްގެ އަންދާޒާއެއް އަދި ނެތެވެ. ރައީސް ޔާމީނަށް އެފުރުސަތު ދެން ލިބިވަޑައިގަތުމަކީ ނާދިރު ކަމެކެވެ.

އަނިލްގެ ޓްވީޓް ނިންމަވާލައްވާފައިވަނީ "އަދުގެ ސަރުކާރުން ކޯވިޑް-19 އާއި ގުޅިގެން އަޅުއްވާ ފިޔަވަޅު ތަކުގައި ބަރަކާތް ލެއްވުމަށް އެދި " ދުޢާ ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު