އިޝާން
އިޝާން
ލަވަކިޔުން ހުއްޓާލާ މިއުޒިކާ ދުރަށް ދިޔަކަން އިޢުލާނު ކޮށްފައިވާ މޯލްޑިވިއަން އައިޑަލުން މަޝްހޫރުވި ކުރީގެ ލަވަކިޔުންތެރިޔާ މުޙައްމަދު އިޝާންގެ ކިބައިން މަޝްހޫރު ލަވަކިޔުންތެރިޔާ މައުރޫފް ޚަލީލް (މާޕު) މާފަށް އެދިއްޖެއެވެ.

އިޝާން ލަވަކިޔުން ހުއްޓާލިކަން އިޢުލާން ކުރުމުން މާޕު ވަނީ އެކަމަށް ފާޑުކިޔައި، ޓްވީޓެއް ކުރުމަށްފަހު ޓްވީޓް ޑިލީޓްކޮށްލާފައެވެ. އެ ޓްވީޓާ ގުޅިގެން މީސްމީޑިއާގައި ގިނަ ބައެއްގެ ނުރުހުން މަޢުރޫފަށް އަމާޒުވިއެވެ. މީގެތެރޭގައި ޓްވިޓާގައި ނަންހިގާ ރާއްޖޭގެ ފަރާތްތައް ވެސް ހިމެނެއެވެ.

މާޕު މިއަދު ކޮށްފައިވާ ޓްވީޓެއްގައިވަނީ، ލޮކްޑައުންގައި ފިތިފައި ތިބެންޖެހުމުން އަތުންފައިން ގޯސްވެސް ހެދޭނެ ކަމަށް ބުނެފައެވެ.

އަދި "ތާށިވެފައި، މަސައްކަތެއް ނުކުރެވިފަ، އަތުގަ ފައިސާފޮއްޗެއް ނެތި، ގޭކުލި ނުދެއްކިފަ އިންނަން ޖެހުމަކީ އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫން" ކަމަށް މައުރޫފް ބުންޏެވެ.

މީގެ އިތުރުން މާޕު ބުނެފައިވަނީ އިޝާންގެ ކިބައިން މާފަށް އެދުނީ މީހަކު ބުނެގެން ނޫން ކަމަށާއި، އަމިއްލައަށް ފެނިގެން ކަމަށެވެ. މާޕު ބުނެފައިވަނީ އިޝާން ލަވަކިޔުން ހުއްޓާލައިގެން އޭނާ އަށް ކުރެވުނު ޓްވީޓަކީ އޭގެ ޒާތުގައި ގޯސް ޓްވީޓެއްކަން ޤަބޫލުކުރާކަމަށާއި، މިހާރު އެޓްވީޓް ޑިލީޓް ކޮށްލާފައިވާ ކަމަށެވެ.

"މިފުރުސަތުގައި އިޝާން އަދި އޭނާގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން. އަދި ޓްވީޓާމެދު ހިތްހަމަ ނުޖެހުނު އެންމެންގެ ކިބައިންވެސް މާފަށް އެދެން." މާޕު ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މާޕުގެ މި ނިންމުމަކީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމުގައި ބައެއް މީހުން ދަނީ ފާހަގަކުރަމުންނެވެ.

ލަވަކިޔުން ހުއްޓާލައިގެން އޭނާއަށް ފާޑުކިޔަމުން ގެންދާ އެއްވެސް މީހަކަށް ރައްދު ނުދިނުމަށް އިޝާން ވަނީ އެދިފައެވެ. އަދި އެފަދަ އެއްވެސް ފަރާތަކާއިމެދު ހިތްބުރަކަމެއް ވެސް ނެތް ކަމަށް އިޝާން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު