ޕްރޮޮޮފެސަރ އުގައިލް
ޕްރޮޮޮފެސަރ އުގައިލް
ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުން ގޭބަންދުގައި ތިބެން ޖެހިފައިވާތީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުން ޑެލިވަރީ ކުރުމަށް އުގައިލް ފައުންޑޭޝަނުން އައްޑޫ ސިޓީއަށް ގާއިމުކޮށްދިން ނިޒާމު މާލޭގައި ވެސް ގާއިމު ކޮށްދިނުމަށް ހުށައެޅުއްވި ކަމުގައި ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި މިފަދަ ނިޒާމެއް ގާއިމުކޮށް ޚިދުމަތްދޭން ފަށާ ވާހަކަ އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށް އެ މައުލޫމާތު ޓްވީޓް ކުރުމާއި ގުޅިގެން މީހަކު ކޮށްފައިވާ ޓްވީޓެއްގައި މިކަމަކީ ވަކި ސަރުކާރެއް ހަދައިގެން ވަކިވެގަތުމަށް އުޅޭ އުޅުމެއް ކަމުގައި ސިފަކުރުމުން އެޓްވީޓަށް ޖަވާބު ދެއްވަމުން ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވަނީ މިއީ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވިފައި އޮތް ސިސްޓަމެއް ކަމަށެވެ.



"އަޅުގަނޑުމެން މާލޭގަވެސް މި ސިސްޓަމް ގާއިމުކުރަން ކަމާބެހޭ ފަރާތްތަކަށް ހުށައެޅިން." ޕްރޮފެސަރ އުގައިލް ވިދާޅުވެފައި ވެއެވެ.

އައްޑޫ ސިޓީގައި މި ސިސްޓަމް ގާއިމުކޮށް ސިޓީ ކައުންސިލުން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ލޮކްޑައުން ހާލަތަށް ގެނަސްފައިވާތީ އާންމު ރައްޔިތުންނަށް ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި އުގައިލް ފައުންޑޭޝަނުން އިސްނަގައިގެން އައްޑޫސިޓީ ކައުންސިލާއި ގުޅިގެން ވަނީ އޯޑަރ/ޑެލިވަރީ ސިސްޓަމެއް ގާއިމު ކޮށްފައި ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ޑެލިވަރީ ހުއްދަ ދީފައިވާ ހުރިހާ ވިޔަފާރިވެރިން މި ސިސްޓަމް މެދުވެރިކޮށް ޚިދުމަތް ދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އަދި މި ސިސްޓަމް ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު އުގައިލް ފައުންޑޭޝަންގެ ސަޕޯޓް ޓީމުން ވިޔަފާރި ތަކަށް ފޯރުކޮށްދޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުގެ ދެންނެވުމުގައި ބުނެފައި ވެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުގައިލް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ މާލޭގައި މިސިސްޓަމް ގާއިމު ކުރުމަށެވެ. ހިލޭ ސާބަހަށް އެކަން ކުރެއްވުމުގެ ޝައުގު ވެރިކަމުގައި ކަމާބެހޭ ފަރާތްތަކަށް އަމިއްލައަށް ގުޅުއްވައިގެން އެކަން ކުރިއަށް ގެންދަވާން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެބޭފުޅުން ފަހުން ޚަބަރެއް ނުވާ ކަމަށް ވެސް އެނގިފައި ވެއެވެ.

އުގައިލް ފައުންޑޭޝަނުން ހުޅުމާލެއަށްވެސް މިފަދަ ސިސްޓަމެއް ތައްޔާރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މި ނޫހަށް ވަނީ އެނގިފައެވެ.

ޕްރޮފެސަރ އުގައިލްގެ މި މަސައްކަތަށް ޓްވިޓަރގައި ވަރަށް ގިނަ ބަޔަކު ދަނީ ތަޢުރީފު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު