ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، މުސްލިމުންނަށް އެތައް އަނިޔާތަކެއް ދެމުންގެންދާ އިޒްރޭލުން ކޯވިޑް ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްގެވެސް ހިމަނައިފި އެވެ.

ޔަހޫދީން ޕްރޮމޯޓްކުރާ "ބުލޫމްބާގް" ނޫހުން ބުނިގޮތުގައި އިސްރާއިލުން ވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި 19 ޤައުމަކަށް ވެކްސިން ހަދިޔާކުރުމަށް ނިންމާފައެވެ. އެޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭކަމަށް އިޒްރޭލްގެ މީޑިއާތަކާއި ހަވާލާދީ ބުލޫމްބާގުން ބުނެފައިވެއެވެ.

ރާއްޖޭގެ އިތުރުން، އިޒްރޭލުން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ތެރޭގައި ސައިޕްރަސް، މޮރިޓާނީއާ، ހަންގޭރީ، ހޮންޑިއުރާސް، ގޮއެޓެމާލާ، ޗެކްރިޕަބްލިކް އަދި އިތިއޯޕިއާއާއި، ކެންޔާވެސް ހިމެނެއެވެ.

ބުލޫމްބާގުން ބުނީ މިޤައުމުތަކަށް ފޮނުވާނީ އެމެރިކާގެ މޮޑާނާ ވެކްސިންކަމަށެވެ. އަދި ކޮންމެ ޤައުމަކަށް 1000 ޑޯޒާއި 5000 ޑޯޒާއި ދެމެދުގެ އަދަދަކަށް ވެކްސިން ފޯރުކޮށްދޭނެކަމަށްވެސް އިސްރާއިލް ސަރުކާރުން ބުނެއެވެ.

އިޒްރޭލުން ރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ނިންމާފައިވާއިރު، ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުން ބުނީ އިޒްރޭލުގެ ވެކްސިން ގެންނަން ނިންމާފައިނުވާކަމަށެވެ. ނަމަވެސް އިޒްރޭލުން ވެކްސިން ހަދިޔާކުރި ވާހަކަ ސަރުކާރުން ދޮގެއް ނުކުރެއެވެ.

އިޒްރޭލުން ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާއިރު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން އެޤައުމުން އަންނަ ފަތުރުވެރިން ރާއްޖެ އެތެރެވުން މަނާކުރުމާއި އެޤައުމުގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ދަނީ ގޮވާލަމުންނެވެ.

އިޒްރޭލުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމިއިރު، މިހާރު އޮތް އެމްޑީޕީ ސަރުކާރާއި އިޒްރޭލް ސަރުކާރުގެ ލީޑަރުންނާ ގާތް ގުޅުމެއް އޮންނަކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެގޮތުން އެމްޑީޕީގެ ކުރީގެ ސަރުކާރުގައި އިޒްރޭލުގެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށްވެސް މަޝްވަރާކުރިއެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރ ކެރަފާ އަހުމަދު ނަސީމް ވަނީ އިޒްރޭލަށް ދަތުރުވެސް ކުރަށްވާފައެވެ. މީގެއިތުރުން އިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު