ފަލަސްތީނުގެ މައްސަލައިގައި މާދަމާ ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ވިދާޅުވީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކާއި ގުޅިގެން ބާއްވާ އޯއައިސީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެމަނިކުފާނު ބައިވެރިވެވަޑައިގެން އިޒްރޭލްގެ އުދުވާނާ ދެކޮޅަށް އަޑުއުފުއްލަވާނެ ކަމަށެވެ.



އިޒްރޭލުން ކުށެއްނެތް ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި އުދުވާންތަކާއި ދިވެހިރާއްޖެއިން ދެކޮޅު ހަދާކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާކަމަށް ޝާހިދު ވިދާޅުވިއެވެ. އިޒްރޭލުގެ މިއަމަލުތަކަކީ ބައިނަލްއަޤްވާމީ ހަމަތަކާ ގާނޫންތަކާ ޚިލާފް އަމަލުތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މިބައްދަލު ވުމަކީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ޚާއްޞަކޮށް ބާއްވާ ބައްދަލު ވުމެކެވެ.

މުސްލިމް އާބާދީ ބޮޑު 57 ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ މެމްބަރު ގައުމަކަށް ރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު