އުމަރު ނަސީރު
އުމަރު ނަސީރު
ލޮކްޑައުން އަކީ ޙައްލެއް ނޫން ކަމަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިއަދު ވިދާޅުވީ ލޮކްޑައުން އަކީ ހައްލެއް ނޫން ކަމަށާއި އިގްތިސާދު ހުއްޓުވާލައިގެން ލިބޭ ގެއްލުން މާބޮޑު ކަމަށެވެ. އަދި ކޮވިޑް އާއި އެކު ދިރިއުޅެން ދަސްކުރުން ނޫން ގޮތެއް ނެތް ކަމަށާއި އެހެން ގައުމުތައް ވެސް ގެންދަނީ ލޮކްޑައުން ދޫކޮށްލައި "ހާޑް އިމިއުނިޓީ" އާއި ދިމާލަށް ކަމަށެވެ.

"ލޮކްޑައުންގެ ވިސްނުން އަލުން މުރާޖައާ ކުރަންޖެހޭ. ލޮކްޑައުން އަކީ ވައިރަހަށް ވުރެ ބޮޑު ގެއްލުމެއްދޭ ކަމެއް." އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން އުމަރު ވަނީ ބަނޑުހައި ހޫނުކަމުގައި ތިބީ ހަމައެކަނި ބިދޭސީން އެކަނި ނޫން ކަމަށާއި އެތައް ދިވެހިންނެއް ވެސް ތިބީ ބަނޑުހައި ހޫނު ކަމުގައި ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ލިބުނަސް، ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ 120،000 އަށް ވުރެ ގިނަ މީހުން ތިބީ މުސާރަ ނުލިބި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު މިވަގުތު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވަނީ މާލޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުން ގިނަ އަދަދަކަށް ފެންނަމުންދާތީ އެވެ.

ރާއްޖެ ފަދަ މާގިނަ ވަސީލަތްތަކެއް ނެތް އަދި މައިގަނޑު ދެ އިޤްތިޞާދެއްގެ މައްޗަށް މުޅި ގައުމުގެ އާމްދަނީ ބަރޯސާވެފައިވާ ދިވެހިރާއްޖެ ލޮކްޑައުންކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާލައިފި ނަމަ ވައިރަހުން ލިބޭ ގެއްލުމަށްވުރެ އިޤްތިޞާދު ހަލާކުވެގެން ލިބޭ ގެއްލުން މާބޮޑު ވާނެ ކަމަށް އިޤްތިޞާދުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ލަފާކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު