މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު
ރައްޔިތުންނާއެކު ވީ ޙާލެއްގައިވާން ވިދާޅުވި ކޯލިޝަން ލީޑަރުން ގެއްލިއްޖެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނަސް މާޔޫސްކަމާއި ކަންބޮޑުވުމާއެކު ގޭގައި ތިބެން މަޖުބޫރު ވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާ މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ އިޤްތިޞާދު ފުނޑި ފައިސާ ޗާޕްކުރާ ހާލަތަށް ދިޔައިރުވެސް ކޯލިޝަންގެ ވެރިއަކު ނުފެންނަ ކަމަށެވެ.

"450 މީހުން ބައްޔަށް ޕޮޒިޓިވް ވި އިރު ރައްޔަތުންނަށް ވާނުވާ ބުނެލަދޭނެ ވެރިޔަކު ނެތީބާ؟" ސަޢީދު ވިދާޅުވެފައިވެއެވެ.

އަދި ކޯވިޑް-19 ގައުމުގައި ފެތުރި ރައްޔިތުންގެ ފުރާނަޔަށް ނުރައްކާވެފައިވާއިރު ހަފުތާއަކު އެއްފަހަރު ބައްދަލުވާން ބުނި ކޯލިޝަން ލީޑަރުން ގެއްލިއްޖެ ކަމަށް ސައީދު ވިދާޅުވެފައި ވެއެވެ.

ކޯލިޝަންގެ ވެރިން ހަފުތާއަކު އެއްފަހަރު ބައްދަލުވާނެ ކަމަށް ބުނެފައި ވީނަމަވެސް ރަސްމީކޮށް ކޯލިޝަންގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވިކަން އެނގިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރުއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާއިރު، މާލެ ލޮކްޑައުންކޮށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް އަރާފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 468 އަށް ވަނީ އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު