ރާއްޖޭގައި އުޅެނީ ވެރިކަމުގެ ނިޒާމް ގޯސްވެގެން ނޫން ކަމަށާއި ގޯސްވެގެން އުޅެނީ ދައުލަތް ހިންގަން ތިބި މީހުންގެ ނިޔަތާއި އަމަލު ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ވަނީ ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހުން އައްޔަންކުރާގޮތަށް ހަމަޖެއްސުމަށް ރައީސް ސޯލިހަށް ވަނީ ހުށައަޅުއްވާފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ، ދިމާވެގެން މިއުޅެނީ ވެރިކަމުގެ ނިޒާމް ގޯސްވުމުގެ މައްސަލަ ނޫން ކަމަށާއި ގޯސްވެގެން އުޅެނީ ދައުލަތް ހިންގަން ތިބި މީހުންގެ ނިޔަތާއި އަމަލު ކަމަށެވެ. ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރި ނަމަވެސް ދައުލަތް ހިންގަން ތިބި މީހުން ބަދަލުނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާރު މަޖިލިސް ހިންގަމުންގެންދާ ގޮތުން އެނގިއްޖެ ބަރުލަމާނީ ނިޒާމަކަށް ފޮރޮޅާލިއަސް ދައުލަތް ހިންގަން ތިބި މީހުން ބަދަލުނުވާނެކަން" ޝަރީފް ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމުގައި ރައީސާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިހާބު ބާއްވަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށް ރައީސް ނަޝީދު ރައީސް ސޯލިހަށް ހުށައަޅުއްވާފައިވެއެވެ.

ރައީސް ސޯލިހް މީގެކުރިން ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށެވެ. އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު