ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިި ކުރިއަށްދިޔަ ބަހުސެއްގެ ތެރެއިން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ގުރުއާނުގެ އާޔަތެއް ވިދާޅުވާން ފެށުމުން، މަޖިލީހުގެ ރައީސް އެކަން ހުއްޓުވައިފިއެވެ.

މަޖިލީހުގެ ޖަލްސާގެ ތެެރެއިން މޮސްޓާއަށް ލިބިވަޑައިގަތް ފުރުސަތުގައި އޭނާ ގުރުއާނުގެ އާޔަތެއް ވިދާޅުވާން ފެށްޓެވުމުން އެކަން ހުއްޓުވުމަށްފަހު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ބައެއް މެންބަރުން ނުބައިކޮށް ގުރުއާން ވިދާޅުވާތީ އެކަން ނުކުރެއްވުމަށް މީގެ ކުރިންވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މަޖިލިސް ރައީސްގެ ވާހަކަތަކަށް ރައްދުދެއްވަމުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ، ގުރްއާންގެ އާޔަތުގެ އަޑުޖެހުމުން ޝައިތާާނާއަށް އުނދަގޫވާނެ ކަމަށެވެ. އަދި ގުރްއާންގެ އާޔަތްތައް މެންބަރުން ވިދާޅުވީމާ އެކަން ހަޖަމް ނުވެގެން ބަޔަކު އުޅޭކަމަށް މޮސްޓާ ވިދާޅުވިއެވެ. މިހާހިސާބުން މޮސްޓާ ޤުރުއާންގެ ސޫރަތެއްގެ ނަން ވިދާޅުވުމުން "މެންބަރު ތިޔަ ވިދާޅުވަނީ ނުބައިކޮށް" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މޮސްޓާގެ ވާހަކަ ހުއްޓުވާފައެވެ.

މޮސްޓާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ، މެންބަރުން ބޭނުން ގޮތަކަށް ގުރުއާންބޭނުން ނުކުރައްވަން އިލްތިމާސްކުރައްވާފަ އެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ އިސްމަފުޅަށް އެހެން ނުހައްދަވަންވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މަޖިލީހުގައި ގުރުއާނުގެ އާޔަތެއް ވިދާޅުވެގެން މީގެކުރިންވެސް މަޖިލިސް ރައީސް ވަނީ އެކަން ހުއްޓުވާފައެވެ. އަދި އެއީ ބައެއް މެމްބަރުން ނުބައިކޮށް ވިދާޅުވާތީ އަޅުއްވާ ފިޔަވަޅެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު