ބިދޭސީން ރަނގަޅު މާހައުލުތަކަށް ބަދަލު ކުރަނީ
ބިދޭސީން ރަނގަޅު މާހައުލުތަކަށް ބަދަލު ކުރަނީ
ބައެއް ބިދޭސީން މާލެތެރޭގައި ގަސްތުގައި ބަލި ފަތުރަމުންދާ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ތުހުމަތު ކުރައްވައިފިއެވެ.

ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބައެއް ބިދޭސީން ބަލިފަތުރަމުން ދާ ކަމަށް ތުހުމަތު ކުރައްވާ ކަމަށާއި، އެމީހުން ގަސްދުގައި އެކަން ކުރާކަން ސަރުކާރަށް ވަރަށް ރީއްޗަށް މިހާރު ޔަޤީންވާނެ ކަމަށެވެ.

"ކޮރޯނާވައިރަހަށް މީހަކު ޕޮޒިޓިވް ވެގެން އެމީހާ އެކަހެރި ކޮށްފައި ދެންތިބި މީހުން ބަލާދާއިރު އެންމެން މާލެތެރެއަށް އެދަނީ ފިލަމުން، ބަލިފަތުރަމުން. ހެޔޮވާނީ ކިހިނެއް؟ އެމީހުންގެ އިންސާނިއްޔަތުކަމެއްކޮބާ؟" މޫސަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މޫސަ މިފަދަ ތުހުމަތެއް ކުރައްވާފައި މިވަނީ މާލޭގައި ބިދޭސީން ތޮއްޖެހިގެން އުޅޭ ބައެއް ތަންތަނުގައި އުޅޭ މީހުން ބައްޔަށް ޓެސްޓްކޮށް ޕޮޒިޓިވް ވުމުން ދެންތިބި މީހުން ހޯދަން ދިޔައިރު އެމީހުން ފިލާފައިވާ ކަމަށް ބުނާ ހާދިސާ ތަކަށް އިޝާރާތް ކުރަވާފައި ކަމަށް ބެލެވެއެވެ.

މާލޭގައި ތޮއްޖެހިގެން ކުދި ތަންތަން ކޮޅުގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ބަލި ފެތުރެމުންދާ މިންވަރު ހަލުއިވެފައި އެފަދަ ތަންތަން ޗެއް ކުރާއިރު ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެފައި ހުންނަކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންވެސް ދައްކައެވެ. އަދި އެމީހުންނަށް ބަލި ޖެހުމުން ވެސް އާންމުންގެ ތެރެއަށް ނުކުމެ އުޅެފައިވާކަންވެސް މިހާތަނަށް ބެލި ކޮންޓެކްޓް ޓްރޭސިންގ ތަކުން ހާމަވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި މިހާތަނަށް 137 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި 66 ދިވެހިންނާއި 71 ބިދޭސީން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު